ބިދޭސީންނާ ގުޅުންހުރި އެކި ފީތައް ނުދައްކާ 8000 އަށްވުރެ ގިނަ ފަރާތް އެކްސްޕެޓް ސިސްޓަމްގެ ތެރެއިން ސަސްޕެންޑްކޮށްފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކަމާ ގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކުރަން ފެށީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އެގޮތުން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ބަޔޯ މެޓްރިކްސްނަގައި، އެކްސްޕެޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ބިދޭސީންނާއި ގުޅުންހުރި އެކި ކަންކަމުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށާއި، ރާއްޖޭގައި އުޅޭ ބިދޭސީން ޤާނޫނީ އިމުގެތެރެއަށް ގެނައުމަށް ސަރުކާރުންވަނީ މަސައްކަތް ފަށްޓަވާފައެވެ.
ދައުލަތުގެ މީޑިއާއިން ދައްކާ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިނިސްޓރު ޢަބްދުލްމަޖީދު އިބްރާހީމް ވިދާޅުވީ ބިދޭސީންނާއި ގުޅުންހުރި އެކި ފީތަކާއެކު ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އަދި މިހާރު ނިޒާމު ބައްޓަންކުރަމުންދަނީ މިފަދަ ފީތައް ނުދައްކާ ފަރާތްތަކަށް، ބިދޭސީންނާއި ގުޅުންހުރި އެއްވެސް ޚިދުމަތެއް ދައުލަތުގެ އިދާރާތަކުން ނުލިބޭގޮތަށްކަމަށް ވިދާޅުވިއެވެ.
”ފުރަތަމަ އަޅުގަނޑުމެން ދިން ފުރުސަތުގައި ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ އެމްޕްލޮޔަރުންނާ ދޭތެރޭ އަޅުގަނޑުމެން އެއް މަސްދުވަހުގެ ފުރުސަތެއް ދިނުމަށްފަހު، މިހާރުވާނީ އެކްސްޕެޓް ޕޯޓަލްގެތެރެއިން އެފަރާތްތަކަށް ޚިދުމަތް ނުލިބޭގޮތަށް ސަސްޕެންޑު ކުރެވިފައި.“ ޢަބްދުލްމަޖީދު ވިދާޅުވިއެވެ.



