ރާއްޖެ ގަޑިން މިރޭ 11:30 އިން ފެށިގެން 82 މިނެޓް ވަންދެން ފުރިހަމަ ކޭތައެއްގެ ގޮތުގައި ހަނދު ކޭތަ ފެންނަން ހުންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ފަލަކީ އިލްމުވެރިންގެ މަޢުލޫމާތުތަކަށް ބިނާކޮށް ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭ ގަޑިން މިރޭ 11:30 އިންފެށިގެން 82 މިނެޓު އިރު ހަނދު ކޭތަ ފުރިހަމަ ކޭތައެއްގެ ގޮތުގައި ފެންނަން ހުންނާނެ ކަމަށެވެ.
ރައީސް މައުމޫނަކީ ފަލަކީ އިލްމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަވާ އިލްމުވެރިއެކެވެ. އެމަނިކުފާނު ވަރަށް ގިނައިން ފަލަކީ އިލްމާ ގުޅޭ މުހިންމު މަޢުލޫމާތުތައް އާންމުކުރައްވައެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ، މިރޭ ދަންވަރު ހިފާ ފުރިހަމަ ހަނދުކޭތަ ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު ބަޔަކަށް ފެންނާނެ ކަމަށެވެ.
ފަލަކީ އިލްމުވެރީން ވިދާޅުވާ ގޮތުގައި ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 08:28 ގައެވެ. ރާއްޖެ ގަޑިން 11:11 އަކީ އެ ކޭތަ އެންމެ ބޮޑަށް ފެންނާނެ ވަގުތަށް ވާއިރު، ރާއްޖޭ ގަޑިން 11:30 އިން ފެށިގެން ފުރިހަމަ ކޭތައެއްގެ ގޮތުގައި 82 މިނެޓް ވަންދެން އެ ކޭތަ ފެންނަން ހުންނާނެއެވެ.
މިރޭގެ ކޭތަ ރާއްޖެ ގަޑިން 01:55 އާ ހަމައަށް ފެންނަން ހުންނާނެކަމަށް ވެސް ފަލަކީ އިލްމުވެރީން ވަނީ ލަފާކުރައްވާފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވެސް ވަނީ މިރޭގެ ކޭތަ ރާއްޖެއަށް ވަރަށް ރީތިކޮށް ފެންނާނެ ކަމަށް ފާހަގަކުރައްވާފައެވެ.


