ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންއާ އެއްފަދައިން، އޭނާއާ ވަރަށް ވައްތަރު މީހެއް ކަމަށްވާ އިބްރާހިމް ގަދްރީ އަކީ ވެސް މިހާރު އަތްމަތި ތަނަވަސް މީހުންގެ ލިސްޓުގައި ހިމެނޭ މީހެކެވެ.
ދާދިފަހުން އިބްރާހިމް ވަނީ މަޝްހޫރު ފެޝަން މެގަޒިން ”ވޯގް“ ގެ ކަވަރ ޕޭޖަށް ވެސް އަރާފައެވެ. އޭގެންވެސް އޭނާއަށް ވަރަށް ގިނަ ފައިސާ ލިބިފައިވާއިރު، އޭނާއަކީ ކުރިން ވަރަށް ފަގީރު ހާލަތުގައި އުޅުނު މީހެއްކަމަށް އިބްރާހިމް ވަނީ ކިޔައިދީފައެވެ.
އިބްރާހިމް ގަދްރީ އަކީ ކުރިން ގުޖްރާތުގެ ޖުނާގަޅްގައި ހޯޑިންގް ބޯޑުތަކުގައި ކުރަހަން އުޅުނު މީހެކެވެ. ޝާހްރުކް ޚާންއާ އޭނާ ވަރަށް ވައްތަރުކަން އޭނާގެ އާއިލާގެ މީހުންނާއި އެކުވެރިންވެސް ކުރިން ބުނި ކަމަށާއި ނަމަވެސް އޭނާ އެކަމާ އެހާ އަޅާނުލާކަމަށް ވެސް އިންޓަވިއުއެއްގައި އިބްރާހިމް ބުނެފައިވެއެވެ.
ނަމަވެސް އޭނާގެ ވިސްނުމާއި ދިރިއުޅުން ބަދަލުކޮށްލީ، އައިޕީއެލްގެ މެޗެއް ބަލަން އޭނާ ރާޖްކޯޓަށް އެއްދުވަހު ދިޔުމުން، ކަންތައްވީ ގޮތުން ކަމަށް އިބްރާހިމް ބުނެފައިވެއެވެ. އެދުވަހު އޭނާއަކީ ޝާހްރުކް ކަމަށް ހީކޮށް އެތައް ބަޔަކު އޭނާއާއެކު ފޮޓޯ ނަގަން އަރައިގަތް ކަމަށް އިބްރާހިމް ބުންޏެވެ.
އިބްރާހިމް ބުނި ގޮތުގައި ކުރިން އޭނާ ދިރިއުޅެމުން ދިޔައީ ވަރަށް ދަތި ހާލުގައެވެ. ޑިޖިޓަލްކޮށް ކުރެހުންތައް ކުރަހަން ފެށުމުން، ހޯޑިންގް ބޯޑުގައި ކުރަހަމުން އޭނާ ކުރަމުންދިޔަ މަސައްކަތް ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. ދުވާލަކު ދެ އިރު ކާނެ އެއްޗެއްވެސް އެއިރު ނުލިބޭކަމަށް އިބްރާހިމް ބުންޏެވެ.
ނަމަވެސް އެ ދުވަހުގެ މެޗުގައި ކަންތައްވީ ގޮތުން، ޝާހްރުކް ޚާންއާ ވައްތަރު މީހާގެ ގޮތުގައި އެކި ޝޯތަކަށާއި ހަފްލާތަކަށް އިންޑިއާގެ އެކި ކަންކޮޅުތަކަށް ދާން އިބްރާހިމްއަަށް ފުރުސަތު ލިބެން ފެށިއެވެ. އަދި މިހާރު އިބްރާހިމްއަކީ އެފަދަ ކޮންމެ ޝޯއަކުން މަދުވެގެން 5 ލައްކަ އިންޑިއަން ރުޕީސް ލިބޭ މީހެކެވެ.




