ކުރީގެ ޔޫތު މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅޮ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު މަހްލޫފް، އިދިކޮޅު އެމްޑީޕީން މިއަދު ވަކިވެއްޖެއެވެ.
އެމްޑީޕީން މަހްލޫފް ވަކިވެވަޑައިގަންނަވަން ބޭނުންފުޅުވާކަން ހާމަކުރައްވާ، އެ ޕާޓީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލްއަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.
މަހްލޫފް ފޮނުއްވި ސިޓީގައި އޭނާ އެމްޑީޕީން ވަކިވާ ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ.
އެ ސިޓީގައި މަހްލޫފް ވިދާޅުވެފައިވަނީ، އެމްޑީޕީއަށް 15 އަހަރު ދުވަހު ހިދުމަތްކުރަން ލިބިވަޑައިގެންނެވި ފުރުސަތަށް ޝުކުރުއަދާކުރައްވާ ކަމަށާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގެނެސްދިން ތަރައްގީތަކުގެ ބައިވެރިއެއްގެ ގޮތުން ކެބިނެޓުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާތީ އުފާކުރައްވާ ކަމަށެވެ.
އަދި އެމްޑީޕީން ވަކިވެވަޑައިގަންނަވަން ނިންމެވުމުން އެކަމާ ހިތްހަމަނުޖެހުމެއް އެއްވެސް މެންބަރެއްގެ އޮތް ނަމަ އެ ކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެއެވެ.




