އއ. ފެރިދޫގެ ތަރައްޤީގެ މުސްތަޤުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނޭ ފުރިހަމަ ވަސީލަތެއްގެ ގޮތުން، އެ އަތޮަޅު މާފަރު ފަޅަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، މާފަރު ފަޅަކީ އެ އަތޮޅު ފެރިދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސް މުޢިއްޒު މި ގޮތަށް ކަނޑައަޅުއްވާފައިވަނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މި ނިންމެވުމާއެކު އެމަނިކުފާނު މިއަދު ވަނީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރު އިޞްލާޙުކުރައްވައި، އެ ގަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އަރިއަތޮޅު އުތުރުބުރީ ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު އިތުރުކުރައްވާފައެވެ.




