ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ، ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް އައްޔަންކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ، ފަހުމީ އައްޔަންކޮށްފައިވަނީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް ކަމަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ފަހުމީ ވަކިކޮށް، އެ މަގާމަށް އައްޔަންކޮށްފައިވަނީ މިފްކޯގެ ކުރީގެ ސީއީއޯ ހުސައިން ޝަމާހް ރަޝީދު އެވެ. ފަހުމީ ވަކިކުރި ސަބަބެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މަގާމުން ވަކިކުރުމާއިއެކު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ 27 އަހަރު މަސައްކަތްކުރި ސްޓެލްކޯ ލީޑް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ފުރުސަތަށް ޝުކުރުވެރިވާ ކަމަށާއި ކުންފުނީގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަދި ކުންފުނީގެ އެންމެން ގުޅިގެން ހާސިލުކުރެވުނު ހުރިހާ ކަމަކާ މެދު ފަހުރުވެރިވާ ކަމަށާއި އެދެނީ ކުރިއަށް އޮތްތަނުގައި ވެސް ސްޓެލްކޯއަށް ކުރިއެރުމާއި ކާމިޔާބީއާއި ފާގަތިކަމަށް ކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ.
ހުސެއިން ފަހުމީއަކީ މި ސަރުކާރު ވެރިކަން ފެށުމާއެކު 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28ވަނަ ދުވަހު އެމްޑީ ކަމުގެ މަގާމަށް އައްޔަންކުރެއްވި ފަރާތެކެވެ.
1998 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި ހިދުމަތް ކުރައްވަމުން ގެންދެވިއިރު، ފަހުމީ ވަނީ ސްޓެލްކޯގެ ޕްރޮކިއުމަންޓް ޑީޕާޓްމަންޓްގެ އެޗްއޯޑީގެ މަގާމާއި، ބިޒްނަސް ޑިވަލޮޕްމަންޓް ޑިޕާޓްމަންޓް، ކަސްޓަމާ ސާވިސް އަދި ސްޓެލްކޯގެ އެކި މަގާމުތައް ފުރުއްވާފައެވެ.



