ސިނަމާލެ ބްރިޖުން ބަންދުކުރި ފަޅި، ފަސް ގަޑިއިރަށް ފަހު މިރޭ ހުޅުވާލައިފިއެވެ.
އެތަން ބަންދުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ”އެއާޕޯޓް އިމަޖެންސީ ޕްލޭން“ ޓެސްޓްކުރުމަށް ކުރިއަށް ގެންދިޔަ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒަކާ ގުޅިގެންނެވެ.
މި އެކްސަސައިޒްއާ ގުޅިގެން މިއަދު ހަވީރު 4:00 އިން ފެށިގެން މިރޭ 9:00 އާ ހަމައަށް ބްރިޖުގެ އުތުރު ފަޅި ވަނީ ބަންދުކޮށްފައެވެ. ނަމަވެސް މިހާރު ވަނީ އާންމު ދަތުރުފަތުރަށް ބްރިޖު އަލުން ހުޅުވާލާފައެވެ.
ފުލުހުން ބުނީ އެއާޕޯޓް އިމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބުރިޖުގެ ޓްރެފިކް ފްލޯއަށް ގެނެވުނު ބަދަލުތައް މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް، އާންމު ދަތުރުފަތުރަށް ބުރިޖު މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް ބުންޏެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ކުރިއަށް ގެންދިޔަ މި އެކްސަސައިޒްގެ މަޤްސަދަކީ ކުއްލި ހާލަތެއް ދިމާވާއިރު، އެއާޕޯޓުގެ އިމަޖެންސީ ޚިދުމަތްތަކުގެ ތައްޔާރީ ހާލަތު ދެނެގަތުމާއި، މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ ތައްޔާރީ މިންވަރު ވަޒަންކުރުމެވެ.



