ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ ކިބައިން ވިޓަމިންތައް މަދުވުމަކީ މައިގްރެއިންގެ ރިހުމާ ކުރިމަތިވާ ސަބަބު ކަމަށް ވެދާނެ ކަމަށް ސައިންސްވެރިން ކުރި އާ ދިރާސާއަކުން ބުނެފިއެވެ.
މި ދިރާސާކުރި ހޮސްޕިޓަލުން ވަނީ މައިގްރެެއިން ހުންނަ ފުރާވަރުގެ ކުދިންނާއި ކުޑަކުދިންނާއި ޒުވާނުންގެ މައުލޫމާތު އެއްކޮށްފައެވެ.
މި އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި މައިގްރެއިން ހުރި ވަރަށް ގިނަ ކުދިންނަކީ ހަށިގަނޑުގައި ވިޓަމިން ޑީ އާއި ރިބޮފްލަވިން އަދި ކޫއެންޒައިން 10 މަދު ކުދިންނެވެ. ކޫއެންޒައިން 10 އަކީ ސެލްތަކުގެ ހެދިބޮޑުވުމަށާއި މަރާމާތަށް ބޭނުންވާ ވިޓަމިނެއް ފާޑުގެ މާއްދާއެއް ކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.
ދިރާސާއިން ހާމަވި ގޮތުގައި ކޫއެންޒައިމް 10 މަދުވުމުގެ މައްސަލަ ފިރިހެންކުދިންނަށްވުރެ ގިނައީ އަންހެން ކުދިންގެއެވެ.
އެމެރިކަން ހެޑޭކް ސޮސައިޓީގެ އަހަރީ ބައްދަލުވުމަށް ހުށަހެޅި މި ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ މައިގްރެެއިންގެ އުނދަގޫ އާންމުކޮށް ދިމާވާ މީހުންނަށް ވިޓަމިން ދީގެން، މައިގްރެއިންގެ އުނދަގޫ ކުރިމަތިވާ އަވަސްމިން ދުރުކުރެވިދާނެތޯ ބެލިފައި ވަނީ މާ މަދު އަދަދެެއްގެ ބަޔަކު ބޭނުންކޮށްގެން ކަމަށާއި އެހެންވެ މިކަމުގައި އަދި ވަކި ގޮތަކަށް ބުނަން ނޭނގޭ ކަމަށެވެ.
މީގެ ކުރީގެ ބައެއް ދިރާސާތަކުގައި ވެސް ވަނީ ހަށިގަނޑަށް ބޭނުންވާ ވިޓަމިން ބޭނުންކޮށްގެން މައިގްރެއިން އަށް ފަރުވާ ކުރެވިދާނެތޯ ބަލައިފަ އެވެ. ނަމަވެސް އެ ދިރާސާތަކުން ވެސް ވަކި ނަތީޖާއެއް ކަނޑައެޅޭ ވަރެއް ނުވި އެވެ. އެކި ފަހަރު ނަތީޖާ ދައްކާފައި ވަނީ އެކި ގޮތަށެވެ.




