އިންޑިއާގެ އިތުރުން ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލަވަކިޔުންތެރިޔާ އަރްޖިތު ސިންގް، ލަންޑަންގައި ބޭއްވި ކޮންސެޓެއްގައި ލަވަކިޔަމުން ދަނިކޮށް ސްޓޭޖުން ކަރަންޓު ކަނޑާލައިފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެ ޝޯގެ ސްޓޭޖުން ކަރަންޓު ކަނޑާލާފައިވަނީ، އަރްޖިތުގެ ފޭނުންނަށް ޚާއްސަކޮށްގެން އޭނާ ބޮލީވުޑްގެ މަޝްހޫރު ފިލްމު ”ސައިޔާރާ“ ގެ ލަވަ ކިޔަމުން ދަނިކޮށެވެ.
ސޯޝަލް މީޑިއާގައި ވެސް ޓްރެންޑްވެފައިވާ ލަވަ ”ސައްޔާރާ“ އަކީ ލަވަކިޔުންތެރިޔާ ފަހީމް އަބްދުﷲގެ އަޑުން އަސްލު ކިޔާފައިވާ ލަވައަކަށްވީ ނަމަވެސް އަރްޖިތުގެ އަޑުން އެ ލަވަ ކިޔަން ފެށުމާ އެކު ގިނަ ބައެއްގެ ތަރުހީބުގެ އަޑު ސްޓޭޑިއަމްތެރޭގައި ގުގުމަންފެށިއެވެ.
އެހެންނަމަވެސް އެ ލަވަ ކިޔަން ފެށިތަނާ ކުޑައިރުކޮޅެއްގެތެރޭ ސްޓޭޖުން ކަރަންޓު ކަނޑާލުމުން އެތަނަށް ޝޯ ބަލަން އެއްވެތިބި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ސްޓޭޖުން ކަރަންޓު ކަނޑާލާފައިވަނީ ގަސްތުގައި ކަމަށް ބެލެވެއެވެ. އަދި އެއީ ކޮންސެޓް ބޭއްވުމަށް އަރިޖިތުއަށް ދިން ވަގުތަށްވުރެ މާބޮޑަށް ވެސް އިތުރަށް ވަގުތު ނެގުމުން ކަމުގައި ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ސްޓޭޖުން ކަރަންޓު ކަނޑާލައި، ޝޯ ކުރިއަށްދިޔަ ސްޓޭޑިއަމްގެ ލައިޓުތައް ނިވާލީ ލަންޑަންގެ ގަޑިން 10:30ގައެވެ. އޭރު ވެސް އަރްޖިތުއަށް ކަނޑައެޅިފައިވާ ވަގުތު ހަމަވެ އިތުރު ވަގުތު ވެސް ލަވަކިޔުންތެރިޔާއަށް މާކުރިން ވެސް ވަނީ ދީފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.



