ބ. ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތިން، އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ދެން ކުރިއަށް ނުގެންދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މުޢިއްޒު މިފަދައިން ނިންމެވިކަން ”އެކްސް“ މެދުވެރިކޮށް މިއަދު ވަނީ އިއުލާނު ކުރައްވާފައެވެ.
ދޮންފަނުގައި ވެސް ބިން ހިއްކުމުގެ މަަޝްރޫޢު ކުރިއަށް ގެންދަން ނިންމަވާފައިވާކަން ރައީސް މުޢިއްޒު ފުރަތަމަ އިއުލާނު ކުރެއްވީ، މިދިޔަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ބ. އަތޮޅަށް ކުރެއްވި ޒިޔާރަތުގައި، އެ ރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ނަމަވެސް ރައީސް މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ކަމަށާއި އަދި އެ ވަޢުދު ފުއްދުމަށް އެގްރީމެންޓުގައި ސޮއި ވެސް ކޮށްފައިވާނެ ކަމަށެވެ.
ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އެމަނިކުފާނަށް މިހާރު ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ކަމަށާއި އެހެންކަމުން އެރަށުގެ ބިން ހިއްކުން ސަރުކާރުން ދެން ކުރިއަށް ނުގެންދާނެ ކަމުގައި ރައީސް މުޢިއްޒު ވަނީ އިއުލާނު ކުރައްވާފައެވެ.
”އަޅުގަނޑު ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން. ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ. މިއަި ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް.“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ދޮންފަނުގެ ބިން ހިއްކުން ކުރިއަށް ނުގެންދާނެކަން ރަސްމީކޮށް، ކަމާބެހޭ މިނިސްޓްރީތަކުން ސިޓީއެއް މެދުވެރިކޮށް އަންގާނެ ކަމަށެވެ.



