ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއާ ބެހޭގޮތުން މީގެކުރިން ދެއްކުނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެއްބަސްވެ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެންމެ އަރިސް އެއް ބޭފުޅެއް ކަމަށްވާ މުޙައްމަދު ވަހީދު (ވައްޑެ) މާފަށް އެދިވަޑައިގެންފިއެވެ.
ކުރިން ޕީޕީއެމްގެ ސެނެޓުގައި ހިމެނިވަޑައިގެންނެވި އަދި ފަހުން ރައީސް ޔާމީން އުފެއްދެވި ޕީއެންއެފް ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާއަށް ކުރިމަތިލެއްވި ވައްޑެ ވަނީ، އޭނާއަށް ރައީސްގެ ދެކަނބަލުންނާ ބެހޭގޮތުން ދެކެވުނު ވާހަކަތަކާމެދު މިހާރު ހިތާމަކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
ރައީސްގެ ދެކަނބަލުންގެ ފޮޓޯއަކާއެކު ”އެކްސް“ ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވައްޑެ ވިދާޅުވީ، ތިމާއަށް ގޯހެއް ހެދިއްޖެކަން އިޙްސާސް ކުރެވޭ ހާލަތުގައި އެފަދަ ގޯސްތައް ރަނގަޅު ކުރުމާއި، އެފަދަ ގޯހެއްގައި އެހެން މީހެއްގެ ޙައްޤަކަށް އުނިކަން ލިބިދާނެފަދަ އަމަލެއް ހިމެނޭނަމަ ވަގުތު ފާއިތު ނުވަނީސް އެފަދަ ފަރާތްތަކުގެ ކިބައިން މާފަށް އެދުމަކީ އެމީހެއްގެ ނިކަމެތިކަމެއް ނޫން ކަމަށާއި އެއީ ޤައުމުގެ އިޖުތިމާޢީ ފޭރާން ހިފެހެއްޓުމުގައި ފަރުދީގޮތުން އަދާ ކުރެވޭނެ އެންމެ ކުޑަ މިންވަރު ކަމަށެވެ.
”ސިޔާސީ އެކި މަހައުލުތަކުގައި ރައީސުލްޖުމްހޫރިއްޔާ އަދި ފަސްޓްލޭޑީއާ ގުޅުވައި އަޅުގަނޑަށް ދެއްކިފައިހުރި ވާހަކަތަކާއިމެދު އަޅުގަނޑު ހިތާމަކުރާ ހާލު، އެ ދެކަނބަލުންނާއި އާއިލާގެ ކިބައިން އަޅުގަނޑު އެދެނީ ދީލަތި މަޢާފަކަށް. ސިޔާސީ ޖޯޝު ހުންނަ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު އެފަދަ ވާހަކަތައް ދެއްކީ އަޅުގަނޑަށް އެއިރު ލިބުނު މަޢުލޫމާތުތަކަކަށް ބިނާކޮށް ކަމުގައި ވީނަމަވެސް، މިހާރު އަޅުގަނޑަށް ކަށަވަރު ކުރެވިފައިވަނީ އެއީ ހަގަިގަތާއި މުޅިން ހިލާފު މަޢުލޫމާތުތަކެއްކަން“ ވައްޑެ ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ވައްޑެ ވިދާޅުވީ، ސިޔާސީ ދާއިރާއަށް އޭނާ ކިތަންމެ ޝައުޤެއް ހުރިކަމުގައިވިޔަސް އަނެކާގެ އަބުރު ޤަސްތުގައި ނަގާލުމާއި ފިތުނަ ފަސާދަ އުފެއްދުމަކީ އޭނާ ނަފްރަތު ކުރާކަމެއް ކަމަށާއި އޭނާގެ އިލްތިމާސަކީ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތަކުންވެސް މި ޤައުމުގެ މައްސަލަތަކަށް އަމާޒު ކުރައްވައި، ހަސަދަވެރިކަމުގައި މީހުންނަށް ޓާގެޓްކުރުން ހުއްޓާލުމަށް ކަމަށެވެ. ”އަޅުގަނޑުމެންނަށް ކުރިއެރުމެއް އޮތީ އޭރުން.“ ނިންމާލަމުން ވައްޑެ ވިދާޅުވެފައިވެއެވެ.
ޕީއެންއެފްއިން ކޮންމެ ރެއަކު ބާއްވާ ޖަގަހަ ޖަލްސާތަކުގައި ރައީސް މުޢިއްޒު އަށާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އަދި މީގެކުރިން ވައްޑެއަކީ އެފަދައިން ފާޑުކިޔުމުގައި އެންމެ ކުރީ ސަފުގައި އިންނެވި އެކަކެވެ.




