ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ އައިފޯން 17، އެޕަލްގެ އެންމެފަހުގެ އުފެއްދުންތަކާއެކު ރޭގައި ނެރެފިއެވެ.
އެކަމަށްޓަކައި ރޭގައި ބޭއްވި ޚާއްސަ އިވެންޓެއްގައި، އެންމެ ފުރަތަމަ ދައްކާލާފައިވަނީ އެޕަލް އެއާޕޮޑްސް ޕްރޯ 3 އެވެ. މިއީ މުޅިން އަލަށް އެޕަލްއިން ނެރެފައިވާ އެއާޕޮޑެކެވެ. ތަފާތު އެކި ފީޗާތައް ހިމަނާފައިވާ މި އެއާޕޮޑަކީ ކުޅިވަރު އެތްލީޓުންނާއި ވެސް ވަރަށް ގުޅޭ ގޮތަށް ފަރުމާ ކޮށްފައިވާ އެއާޕޮޑެއްކަމަށް އެޕަލް ކުންފުނިން ހާމަކޮށްފައިވެއެވެ.
އަލަށް ނެރެނު އެއާޕޮޑް ޕްރޯ 3 ގެ އެންމެ ތަފާތު އެއް ފީޗާއަށް ބަލާއިރު، އެއާޕޮޑް ޖަހައިގެން ހުންނަ ވަގުތު މީހަކު އެހެން ބަހުރުވައަކުން ވާހަކަ ދައްކައިފިނަމަ، އެޕަލް އިންޓެލިޖެންސުން އެ ބަހުރުވައެއް އެމީހަކު ވާހަކަ ދައްކާ ބަހުރުވައަށް ބަދަލުކޮށްދެއެވެ. މިސާލަކަށް ބުނާނަމަ، ތުރުކީ ބަސް ނޭނގޭ މީހަކާއި އެގައުމުގެ ބަހުރުވައިން ވާހަކަ ދެއްކުމުން، އިނގިރޭސި ބަހަށް ތަރުޖަމާ ކޮށްދޭނެއެވެ.
އެއާޕޮޑް ޕްރޯ 3 ގެ އިތުރުން އެޕަލް ކުންފުނިން ރޭގައި ނެރެފައިވަނީ:
° އައިފޯން 17
° އައިފޯން އެއާ
° އައިފޯން 17 ޕްރޯ
° އެޕަލް ވޮޗް ސީރީޒް 11
° އެޕަލް ވޮޗް އެސްއީ 3
° އެޕަލް ވޮޗް އަލްޓްރާ 3

އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކް ރޭގެ އެ ހަފްލާގައި ވާހަކަ ދައްކަމުން ބުނީ، ރޭގައި ނެރުނު އެއާޕޮޑްސް ޕްރޯ 3 އާއި އެޕަލް ވޮޗް ސީރީސް 11 އާއި އައިފޯން 17 ޕްރޯ އަކީ މިހާތަނަށް އެކުންފުނިން އުފެއްދި އެންމެ ކާމިޔާބު، އަދި އެންމެ ފީޗާސްތައް ގިނަ، ވަރުގަދަ ފޯނު ކަމަށެވެ.



