ވ. ފުލިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ވ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފުލިދޫއަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ފުލިދޫގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބު އަދި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެއިތުރުން ފުލިދޫ ކައުންސިލްގެ ރައީސް މުހައްމަދު އިމްތިޔާޒް ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފެއްޓެވުމަށްފަހު ރައީސް މުއިއްޒު ވަނީ ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.

ފުލިދޫގައި އޭޓީއެމްގެ ހިދުމަތް ފެށުމަކީ ބީއެމްއެލް އާއި ސަރުކާރު ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ފެށުނު ހިދުމަތެކެވެ.
ބީއެމްއެލްގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އަދި އޭޓީއެމް ނެތް ރަށްރަށުގައި އޭޓީއެމް ބަހައްޓައި، މުޅި ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމްކުރުމެވެ.



