ވ. ފުލިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
މި މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ރަށަށް އެމަނިކުފާނު ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އެމްޓީސީސީ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޑަޔާޑް އަހުމަދު ސައުދީއާއި، ފުލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އަދި ފުލިދޫ ކައުންސިލްގެ ރައީސް މުހައްމަދު އިމްތިޒާސް ބައިވެރިވެވަޑައިގެންނެވިއެވެ.

27 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން 15,650 އަކަފޫޓުގެ ސަރަހައްދެއްގައި ސިއްހީ މަރުކަޒުގެ އާ އިމާރާތް ބިނާކުރެވޭނެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ބިންގަނޑު ކޮނުމާއި، މެޝިނަރީ އަދި ކޮންކްރީޓް މަސައްކަތްތަކާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއި، ދަގަނޑު މަސައްކަތްތަކާއި، ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތައް ހިމެނެއެވެ. މީގެއިތުރުން ކަރަންޓު ވައިރު ކުރުމާއި، މެޑިކަލް ގޭސް ސިސްޓަމާއި، އެއަރ ކޮންޑިޝަން ސިސްޓަމާއި އަދި އަލިފާން ނިއްވާ ނިޒާމެއް ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އެ މަޝްރޫއަކީ 27 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން ހަވާލުކޮށްފައިވާ މަސައްކަތެއް ކަމަށް އެމްޓީސީސީން ބުންޏެވެ.




