ނުގަވައިދުން ބިދޭސީން ހިންގާ ވިޔަފާރިތައް ހޯދުމަށް މުޅި ރާއްޖޭގައި ހާއްސަ އޮޕަރޭޝަނެއް މާދަމާއިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިދޭސީންގެ މައްސަލައެވެ.
މި މައްސަލައިގެ ސަބަބުން ދިވެހި އާންމު ރައްޔިތުން ކުރާ ވިޔަފާރިތަކަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
”އޭގެ ނަތީޖާއަކަށް ވެސް ވާނީ ދިވެހި ރައްޔިތުންނަށް ވިޔަފާރި ކުރުމަށް އެ އޮންނަ ހައްގު ފުރުސަތުތައް އަނބުރާ ހޯދައިދިނުން. އެއީ ދިވެހި ރައްޔިތުންގެ ވިޔަފާރީގެ ފުރުސަތުތައް. އެ ފުރުސަތުތަކުގެ ތެރެއަށް މި ވަންނަނީ ނުގަވައިދުން ބޭރު މީހުން،“ ރައީސް ވިދާޅުވިއެވެ.
މި އޮޕަރޭޝަންގެ ދަށުން ނުގަވައިދުން ހިންގާ ވިޔަފާރިތައް ހޯދައި، އެ ތަންތަން ބަންދުކޮށް، އެ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީން ޑިޕޯޓުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މާލެ އާއި އަތޮޅުތަކުގެ ރަށްރަށުގައި ވެސް ބިދޭސީން ނުގަވައިދުން ދިވެހިންގެ ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަދެ، އެފަދަ ވިޔަފާރިތައް ހިންގަމުންދާކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރައީސް ވަނީ ދިވެހި ރައްޔިތުން ވަޒީފާގެ ފުރުސަތުތައް ބޭނުންވެފައި ތިބިއިރު، އެފަދަ ފުރުސަތުތައް ނުގަވައިދުން ރާއްޖޭގައި އުޅޭ ބޭރު މީހުންނަށް ނުދިނުމަށް އިލްތިމާސްކުރައްވާފައެވެ.


