ޑެންގީ ހުމާއި ބޭރަށް ހިންގުން މި ދުވަސްވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހުގެ ތެރޭގައި ޑެންގީ ޖެހިގެން ރިޕޯޓުކުރި އަދަދު 194ގައި ހުރިއިރު، އޮގަސްޓު މަހު ޑެންގީ ހުމުގެ 250 ކޭސް ރިޕޯޓުކޮށްފައިވެއެވެ.
އަރިދަފުސް ރޯގާގެ ހާލަތަށް ބަލާއިރު، އޮގަސްޓު މަހު 32،247 ކޭސް ރިޕޯޓުކުރެވިފައިވާއިރު، މިއީ ޖުލައި މަހާ އަޅާބަލާއިރު 1،542 ކޭސް އިތުރު އަދަދެކެވެ. އަދި ބޭރަށް ހިންގުމުގެ ކޭސްތަކަށް ބަލާއިރު، އޮގަސްޓު މަހު 7،378 ކޭސް ރިޕޯޓުކުރެވިފައިވާއިރު، މިއީ ޖުލައި މަހަށްވުރެ 1،842 ކޭސް އިތުރު އަދަދެކެވެ.
މި ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ ޚާއްސަ އިރުޝާދުތަކެއް ދީފައެވެ. މީގެ ތެރޭގައި ކެއްސާއިރާއި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ޓިޝޫއަކުން ނިވާކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ޓިޝޫ ނެތް ހާލަތެއްގައި މުލައްދަނޑިން އަނގަޔާއި ނޭފަތް ނިވާކުރުމަށާއި، ބޭނުންކުރާ ޓިޝޫ ކުނި ވަށިގަނޑަށް އެއްލާލުމަށްވެސް އިރުޝާދު ދީފައިވެއެވެ.
އެޗްޕީއޭއިން ވަނީ ހުން އައިސް ކެއްސާ ފަރާތްތަކުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އިލްތިމާސްކޮށްފައެވެ.


