މުލަކަތޮޅު ވޭވަށުގައި އަލަށް އިމާރާތްކުރި ކައުންސިލް އިދާރާ މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މި އިދާރާ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މުލަކަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރާއި، ދާއިރާގެ މެންބަރާއި، އެރަށުގެ ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި އިދާރާއަކީ ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތަކުގެ ޢިމާރާތްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އިމާރާތްކުރެވުނު ތަނެކެވެ. ސަރުކާރުން މި މަޝްރޫޢުގެ ދަށުން މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
އަތޮޅުތެރޭގެ 55 ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް އާރުސީސީއާ ވަނީ ޙަވާލުކޮށްފައެވެ.
ސިޓީސް މިނިސްޓްރީން ބުނިގޮތުގައި 631 މިލިޔަން ރުފިޔާގެ މި މަޝްރޫޢު ނިމޭއިރު، ކައުންސިލް އިދާރާގެ ގޯތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރުވެސް ހަމަޖެހިގެންދާނެއެވެ.



