އަންނަ އަހަރުގެ ޖެނުއަރީގައި މ. މުލަކުގައި ފިއުލް ސްޓޯރޭޖް ގާއިމުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މުލަކު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ސަރުކާރުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކުގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ.
މުލަކަކީ މަސްވެރިކަމުގެ ސިނާއަތަށް ޚާއްސަ އިސްކަމެއްދޭ ރަށަކަށްވާއިރު، ތެލާއި އައިސް ނުލިބުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތް ހީނަރުވަމުންދިޔަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެސްޓީއޯގެ ރޭޓުގައި ތެޔޮ ވިއްކޭނެ ނިޒާމެއް ކޮންމެ އަތޮޅެއްގެ އެއް ރަށުގައި ގާއިމުކޮށްދެއްވާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދު ފުއްދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
”ޕްރީ ފެބްރިކޭޝަން މަސައްކަތް ނިމިއްޖެ، މިހާރު ޝެޑިއުލްގައި އޮތީ ކުރިއަށް އޮތް ދޮޅު ނުވަތަ ދެ މަހެއްގެ ތެރޭގައި ރާއްޖެއަށް ތަކެތި ޝިޕް ކުރުން. މ. އަތޮޅުގައި އޮތީ މުލަކުގައި ގާއިމުކުރަން، އެހެންކަމުން ޖެނުއަރީ މަހު މި ރަށުގައި އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކާ ފިއުލް ސްކިޓް ގާއިމުކުރުމުގެ މަސައްކަތް ފަށާގޮތަށް ޝެޑިއުލްގައި އޮތީ،“ ރައީސް ވިދާޅުވިއެވެ.
މަސްވެރިންނަށް ލުއިފަސޭހަ ގޮތެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތެޔޮ ރައްކާކުރާ ”ސްކިޑް“ ގާއިމުކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު ވިދާޅުވެފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ކުރިން ހުރިހާ އަތޮޅެއްގައި ފިއުލް ސްކިޑް ޤާއިމުކުރުމަކީ އެކުންފުނީގެ އަމާޒު ކަމުގައެވެ.
މި މަޝްރޫއުގެ ދަށުން 40 ފޫޓުގެ 2 ތެޔޮ ކޮންޓެއިނަރާއި 20 ފޫޓުގެ ކޮންޓެއިނަރެއް މޯބައިލް އޮފީހެއްގެ ގޮތުގައި ޤާއިމުކުރާނެ ކަމަށާއި، މި ތެޔޮ ސްކިޑްތައް ޤާއިމުކުރެވިގެންދާނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށްވެސް ޝިމާދު ފާހަގަކުރައްވާފައިވެއެވެ.



