ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މުލަކަތޮޅު ނާލާފުށި ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މުލަކަތޮޅު ނާލާފުށި ސުކޫލުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި ކައުސިލުން ވަނީ، ބަނދަރު އަޕްގުރޭޑްކުރުމާއި ފެނާއި ނަރުދާމާގެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި ރަށުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް އިތުރުކޮށްދެއްވުމާއި ރަށުގެ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ބޭނުންވާކަންވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކައުންސިލުން ވަނީ، ކޯޒްވޭގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އިތުރު ޖަނެރޭޓަރެއްގެ މުހިންމުކަމާއި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.



