2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތ. ބުރުނީގައި 30 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ހަތަރު އަތޮޅަަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތ. ބުރުންޏަށް ވަޑައިގެން އެ ރަށުގެ އިސްވެރިންނާއި، ރައްޔިތުންނާއެކު ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މަޝްވަރާ ބައްދަލު ކުރެއްވުމުގައި ރަށުގެ ކައުންސިލާއި، އެކި މުއައްސަސާތަކުގެ މެންބަރުންނާއި މަންދޫބުންގެ އިތުރުން ރައްޔިތުންގެ ފަރާތުން ސަރުކާރަށް ޚިޔާލު ހުށަހަޅުއްވައި، ރަށަށް އެންމެ ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތާއި ޝުޢޫރުތައް ހިއްސާކުރައްވާފައިވެއެވެ.
އެގޮތުން އެ މަނިކުފާނު ވަނީ، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުންވައިގެން އެ ރަށުގައި 30 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢު، މިހާރު ކުރިއަށްގެންދަން ނިންމާފައިވަނީ، ރަށުގެ ޒުވާނުންގެ އެދުމުގެ މަތިން، ފަރުމަސްވެރިކަން ކުރުމަށް ފާލަމެއް ހިމަނައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުގެ ޢުމުރާނީ ތަރައްޤީއާއި، ތައުލީމާއި ޞިއްހީ އަދި ގެދޮރުވެރިކަމުގެ ދާއިރާއިން ބުރުނީގައި ކުރިއަށްގެންދަން ހުރި މަޝްރޫޢުތަކުގެ މަސައްކަތް ރޭވިފައިވާ ގޮތަށް ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް ކުރިއަށްގެންގޮސްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި، ބުރުނީ އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ޙަވާލުކޮށްފައެވެ.
ބުރުނީ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންކަން އަޑުއައްސަވައި، ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.



