މަޑިފުށީގައި 50 ހައުސިން ޔުނިޓުގެ ގެދޮރުވެރިކަމުގެ މަޝްރޫޢެއް ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.
ރައީސް މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ގެދޮރުވެރިކަމަކީ، ދިވެހި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކައުންސިލް މެދުވެރިކޮށް ރައްޔިތުން އެދިވަޑައިގަންނަވާ ގޮތް ހިއްސާކުރެއްވުމުން، ވަކި ސަރަޙައްދެއްގައި ހިންގާ މަޝްރޫޢެއްގެ ގޮތުގައި، ނުވަތަ އަމިއްލަ ގޯތިތަކުގައި ހައުސިންގ ޔުނިޓުތައް އިމާރާތްކުރާ ގޮތަށް، އެ މަޝްރޫޢު ހިންގަވައިދެއްވާނޭ ކަމަށެވެ.
މިދަތުރުފުޅުގައި ހިމެނިގެން މިއަދު އެ ރަށުގައި ވަނީ ގިނަ މަސައްކަތްތަކެއް ފައްޓަވައިދެއްވާފައެވެ.. އެގޮތުން، ސްކޫލްގެ އާ އިމާރާތުގެ ބިންގާ އަޅުއްވައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި، ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި، މަޑިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ވަނީ ފައްޓަވާފައެވެ.
މި މަސައްކަތްތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއިން ކޮންމެ މަސައްކަތެއްވެސް ހަލުވި ދުވެލީގައި ކުރިއަށްގެންދަވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އަދި ރަށުގައި މިހާރު ކުރިއަށްދާ އައިސް ޕްލާންޓުގެ މަސައްކަތްވެސް ދާދި އަވަހަށް ނިމޭނޭ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން، ފުލުހުންގެ ވެހިކަލެއްވެސް ރަށަށް ލިބޭނޭ ގޮތް ހަމަޖައްސަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ވަނީ، ކޮޅުމަޑުލު މަޑިފުށީގެ އިޚްތިޞާޞްގައި އެ އަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމެނުއްވިކަމުގެ ލިޔުން، މަޑިފުށީ ކައުންސިލާ ހަވާލުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން، މި ދެ ރަށް، ކޮޅުމަޑުލު މަޑިފުށީގެ އިޚްތިޞާޞްގައި ހިމަނުއްވައި، އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މިމަހުގެ 18 ވަނަ ދުވަހު، އެ ޤަރާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.
މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުންގެ އުފާފާގަތިކަމާއި، ހެވާއި ލާބައާއި، މުސްތަޤުބަލަށްޓަކައި މި ދެ ރަށުގެ ބޭނުން ހިފުމަށް ކުރާ މަސައްކަތްތަކުގައި ސަރުކާރުން އެއްބާރުލުންދެއްވާނޭކަމަށް ވިދާޅުވެފައެވެ.



