މ. ކޮޅުފުށީގައި އުތީމު ބޮޑުތަކުރުފާނު ބިނާކުރެއްވި މިސްކިތަށް (ޣާޒީ މިސްކިތަށް) ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސް މުޢިއްޒު އެ މިސްކިތަށް ޒިޔާރަތް ކުރައްވާފައި ވަނީ ހަތަރު އަތޮޅަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކޮޅުފުއްޓަށް ކުރެއްވި ދަތުރުފުޅުގައެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މިސްކިތުގެ ހާލަތު ބައްލަވާލައްވައި، މިސްކިތާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
އެ މިސްކިތް ބިނާކޮށްދެއްވީ ދިވެހިންގެ އިސްލާމީ އަޤީދާއަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވި ޕޯޗުގީޒުންގެ އިސްތިޢުމާރުން ރާއްޖެ ސަލާމަތްކޮށްދެއްވި ދިވެހި ޤައުމީ ބަޠަލު، އުތީމު ބޮޑުތަކުރުފާނު، އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމްއެވެ.
މާދަމާއަކީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
މި އަހަރަކީ ރާއްޖެ އިސްލާމްވިތާ 899 އަހަރު ފުރޭ އަހަރެވެ. ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.
ކޮޅުފުށީގެ ތާރީޚީ މި މިސްކިތަކީ ދިވެހިރާއްޖޭގެ އަގުހުރި ޤައުމީ ތަރިކައެކެވެ. އެއީ ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުން މިނިވަންކުރެއްވުމަށްފަހު އުތީމު ބޮޑުތަކުރުފާނު، އެ ރަށުގައި ބިނާކުރެއްވި މިސްކިތެކެވެ. އެ ތަކުރުފާނުގެ ފަތްކޮޅެއްގައި ވަނީ ”މި އަތޮޅު ކޮޅުފުށީ މަ ހެއްދެއްވި މިސްކިތް“ މި ފަދައިންނެވެ.
ރާއްޖެ މިނިވަންކުރެއްވުމަށް ފަހު، އެ ތަކުރުފާނު ކަޅުއޮއްފުންމީގައި ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅަކަށްފަހު އެނބުރި މާލެ ވަޑައިގަންނަވަނިކޮށް، ތޫފާނެއްގައި ޖެހި އޮޑި ދިޔަވާން ފެށުމުން މުލަކަތޮޅު ދިއްތުނޑީ ފަރަށް ބީއްސާލައި ކަޅުއޮށްފުންމި ސަލާމަތް ކުރެއްވިއެވެ. އަދި ކޮޅުފުށީގައި އެ ރަދުން ބިނާކުރެއްވި މިސްކިތުގެ މަތިވަޑާންގަނޑުގައި ކަޅުއޮށްފުންމީގެ ލަކުޑި ބޭނުންކުރައްވާފައިވެއެވެ.
2004 ވަނަ އަހަރުގެ ސުނާމީގައި އެ މިސްކިތުގެ މަތިވަޑާންގަނޑުން ފޭވި ތަނުން ދޯންޏެއްގެ ބައިތަކުގެ އަސަރު ވަނީ ފެނިފައެވެ.
އަދި ރާއްޖެ މިނިވަންކުރެއްވުމަށް ފަހު، ބޮޑުތަކުރުފާނުގެ ކަނޑިކޮޅު ބާއްވަވާފައި އޮތީ ވެސް ކޮޅުފުށީ މި މިސްކިތުގައެވެ.
މިއަދު އެ ކަނޑިކޮޅު މިސްކިތުގައި ނެތްނަމަވެސް، އެޗް.ސީ.ޕީ.ބެލްގެ މޮނޮގްރާފުގައި އެ ކަނޑިކޮޅުގެ ފޮޓޯއަކާއި، މިންތައް ހިމަނާފައިވެއެވެ.




