ތ. ވިލުފުށީގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
މި ޚިދުމަތް ވިލުފުށީގައި ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
އެ ރަސްމިއްޔާތުގައި އެ ޚިދުމަތް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިޙްސާނެވެ.
އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި ޕާސްޕޯޓުގެ ޚިދުމަތް ފަށަމުން އަންނައިރު މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ.
މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް ސަރުކާރުން ހާމަކޮށްފައި ވެއެވެ.



