މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި، އުމުރުން 74 އަހަރުގެ ގާސިމް އިއްޔެ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައީ ސަން އައިލެންޑް ރިސޯޓްގައި ހުންނަވަނިކޮށް ސިއްހީ ގޮތުން އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ.
އައިޖީއެމްއެޗްގައި ގާސިމަށް އަދިވެސް ފަރުވާ ދެމުން އަންނައިރު މިހާރު ހާލަތު ރަނގަޅުވަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.
ގާސިމް އިބްރާހިމަކީ ދިވެހިރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރެއިން އެއް ބޭފުޅެކެވެ. އަދި ސިޔާސީ މައިދާނުގައި ވެސް އެތައް އަހަރެއް ވަންދެން ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ.
ގާސިމް ދިވެހި ދައުލަތަށާއި ގައުމަށް ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތަކަށް ބައްލަވައި، މިދިޔަ ޖުލައި މަހު ވަނީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.ޢ.ޢ.ވ) އަރުވާފައެވެ.



