އިސްލާމްދީނަކީ ދިވެހިންގެ ނަސީބުގެ އެއް އަސްލު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ފެތުރުނީ ގިނަ ދުވަސްތަކެއްގެ މަސައްކަތުންނެވެ. އަދި މިއަދު ފާހަގަކުރަނީ ރަދުންނާއި ވެރިރަށް މާލެ، އިސްލާމްދީން ގަބޫލުކުރި ދުވަސް ކަމަށް ނަޝީދު ވިދާޅުވިއެވެ.
”އިސްލާމްދީނަކީ ދިވެހިންގެ ނަސީބު، އެމުނި އެކުލެވުމުގެ އެއް އަސްލު،“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ ރަބީޢުލްއާޚިރު މަހެއްގެ 2 ވަނަ ދުވަހެވެ.
އަދި އަންނަ އަހަރަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ އަހަރު ކަމަށްވާއިރު، މި އުފާވެރި މުނާސަބަތު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.



