އިންސާނުންނަށްޓަކައި ﷲ ހިޔާރުކުރެއްވި ދީން ހިމާޔަތްކޮށް ރައްކާތެރިކުރަންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”ދީން ރައްކާތެރިކުރުން“ މި މަޢުޟޫޢުއަށް މިއަދު ދިން ހުކުރު ޚުޠުބާގައި ބުނީ ﷲގެ ޙަޟްރަތުން ގެނެސް ދެއްވި ދީނަކީ އިސްލާމް ދީން ކަމަށާއި ކީރިތި ޤުރްއާނާ ނުލައި ދީން ފުރިހަމަ ނުވާ ފަދައިން ސުންނަތާ ނުލައި ވެސް ދީން ފުރިހަމައެއް ނުވާނެ ކަމަށެވެ.
ޚުޠުބާގައި ވަނީ އިންސާނުންނަށް ޓަކައި މާތް ﷲ ޚިޔާރުކުރެއްވި ދީން ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ، އަހަރެމެންގެ ވާޖިބެއްކަން ހަނދާން ކުރާން ޖެހޭކަމަށް ބުނެފައެވެ.
އަންނާން އޮތް ޖީލުތަކަށް މި ދީނުގެ ޞައްޙަ ޢަޤީދާ ފޯރުކޮށްދޭން ޖެހޭ ކަމަށާއި ޣައިރުދީންތަކުގެ މީހުން ކެނޑިނޭޅި މަސައްކަތްކުރަނީ މުސްލިމުން ބައިބައިކޮށް، އިސްލާމް ދީނާ މެދު އެކި ކަހަލަ ޝައްކުތައް އުފައްދައި، މި އުންމަތް ނިކަމެތިކޮށް، މުސްލިމުންގެ ވަޙުދަތު ނަގައިލައި، އިސްލާމްދީނާ މީސްތަކުން ބީރައްޓެހި ކުރުމަށް ކަމަށް ހުޠުބާގައި ބުނެފައި ވެއެވެ.
”އެއުރެން އެދެނީ، ﷲގެ نورފުޅު (އެބަހީ: إسلام دين) އެއުރެންގެ އަނގަތަކުން ފުމެ، ނިއްވައިލުމަށެވެ. އަދި كافرން ނުރުހުނުކަމުގައި ވިޔަސް ﷲ، އެކަލާނގެ نورފުޅު ފުރިހަމަކުރައްވާހުއްޓެވެ.“ މާތް ﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
އިސްލާމްކަމަކީ ﷲ އަށް ފުރިހަމަ ގޮތުގައި ބޯލަނބައި ކިޔަމަންވުން ކަމަށާއި އަދި އެކަލާނގެ އަމުރުފުޅުތަކަށް ފުރިހަމަ ގޮތުގައި ރައްކާތެރިވެ، ކިޔަމަންގަތުމާއި، ނަހީކުރައްވައިފައިވާ ކަންކަމުން ދުރުހެލިވެ ޝިރުކުކުރުމާއި އޭގެ އަހުލުވެރީންގެ ކިބައިން ބަރީއަވުން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ މީހުންނާ އެއްގޮތްވެގެން ނުވާނެ ކަމަށާއި އެ މީހުންގެ ދީނީ އިޙުތިފާލުތަކުގައި ބައިވެރިވުމާއި، އެ މީހުންގެ އަޅުކަންތަކުގައި ބައިވެރިވެ އުޅުމަކީ، އިސްލާމީވަންތަކަން ގެއްލި، ދީނީ ޝަޚުޞިއްޔަތު ހަލާކުވެދާނެކަންކަން ކަމަށެވެ.
”ބަޔަކު މީހުންނާއި ވައްތަރުވި މީހާ ވަނީ އެ ބަޔެއްގެ ތެރެއިންނެވެ.“ ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ޚުޠުބާގައި ބުނީ މާތް ﷲގެ ޙަޟުރަތުގައި ހަމައެކަނި ދީނަކީ އިސްލާމް ދީންކަމަށް ވިޔަސް، އިސްލާމް ދީނުގެ ޢަދާވާތްތެރީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ﷲގެ ދީނުގައި ބާވައިލައްވައިފައިވާ ޙުކުމްތަކަށް އިންކާރުކޮށް މާތްވެގެންވާ އިސްލާމް ދީން ނައްތައިލުމަށް ކަމަށެވެ.
އަދި މި ދީން ބާރުވެރި ދީނެއްގެ ގޮތުގައި އޮންނަން އެބައިމީހުން ނުރުހޭނެ ކަމަށާއި އެބައިމީހުން ބޭނުންވަނީ، އެ މީހުންގެ ކޮށި ވިސްނުން، މާތް ﷲގެ ޝަރީޢަތުގެ މައްޗަށް އިސްކުރަން ކަމަށާއި މިއަދު އިސްލާމް ދީނާ ދެކޮޅު ބައެއް މީހުން ދެކޭ ގޮތުގައި މުސްލިމުން ބޭނުންވާ ނަމަ، މާތް ﷲގެ ޝަރީޢަތުގެ މައްޗަށް އެ މީހުން ހަދައިފައިވާ ޤާނޫނުތައް އިސްކުރެވިދާނެ ކަމަށް ދެކެމުން އަންނަ ކަމަށް ހުޠުބާގައި ބުނެފައި ވެެއެވެ.
މީގެ އިތުރުން ޚުޠުބާގައި ބުނީ މިއަދު އިސްލާމީ އުންމަތް ނިކަމެތިވުމުގެ ސަބަބަކީ މާތް ﷲގެ ޝަރީޢަތް ދޫކޮށް، އަމިއްލައަށް ކަނޑައަޅާ ޤާނޫނުތަކަށް ޢަމަލުކުރަމުން ދާތީ ކަމަށެވެ.



