ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު، އިބްރާހީމް އިފްރާޙް ޢަރީފް ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރެއްގެ ގޮތުގައި މަޤްބޫލުކަން ހޯދި ހުނަރުވެރި ކުޅުންތެރިޔާ އިބްރާހީމް އިފްރާޙް ޢަރީފް ނިޔާވުމުގެ ހިތާމައިގާ މަރްޙޫމުގެ ޢާއިލާއަށް އަދި ދިވެހި ފުޓްބޯޅައަށް ލޯބިކުރައްވާ ހުރިހާ ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
އަދި ރައީސް ވަނީ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް އެދި ދުޢާ ދަންނަވާފައިވެއެވެ.
36 އަހަރުގައި އިފްރާޙް ނިޔާވި ވަނީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އިފްރާޙްގެ ފުޓްބޯޅަ ކެރިއަރު ފެށިފައިވަނީ ކްލަބް ވެލެންސިއާ އިންނެވެ. ނަމަވެސް އޭނާގެ ކުޅުން އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ މާޒިޔާއިންނެވެ.
އިފްރާހު ވަނީ މާޒިޔާގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު އަދި ބީޖީ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައެވެ.
ރާއްޖޭގެ ޒުވާން ގައުމީ ޓީމުތަކަށް ވެސް ކުޅުނު އިފްރާ ވަނީ ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. ރާއްޖެއިން 2008 ގެ ސާފް ޗެމްޕިއަންޝިޕް ހޯދި ސްކޮޑުގައި ވެސް އިފްރާހް ހިމެނެއެވެ.




