އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރު ކުރަން ފެށުމާއެކު، ރާއްޖޭގެ މަންދޫބުން ޖަލްސާ ދޫކޮށް ނުކުމެއްޖެ އެވެ.
އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށް ގެންދާ އާންމު މަޖިލީހުގެ ބަހުސްގައި ވާހަކަ ދައްކަން ނަތަންޔާހޫ ޕޯޑިއަމް ކައިރިއަށް އަރާ ހަމަވުމުގެ ކުރިން، ރާއްޖޭގެ ވަފްދުގެ އިތުރުން، އެހެން ގިނަ ގައުމުތައް ވެސް މާލަމުން ނުކުތް މަންޒަރު ފެނެއެވެ.
ނަތަންޔާހޫ ހިތާބު ދިން އިރު، މާލަމުގެ ގިނަ ގޮނޑިތައް ހުރީ ހުސްކޮށެވެ.
ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިކަމާއި ގުޅިގެން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށެވެ.
އދ. ގެ އާންމު މަޖިލީހުގެ މި ޖަލްސާއަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އަދި އެ ގައުމުގެ އޮފިޝަލުންނަށް ވިސާ ދިނުމަށް އެމެރިކާއިން ދެކޮޅު ހެދުމާ ގުޅިގެން، އައްބާސް ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވީ ވީޑިއޯ މެދުވެރިކޮށެވެ.
މި ޖަލްސާގައި ގިނަ ގައުމުތަކަކުން ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައި، އެކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.
އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 65،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މި ހަމަލާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުންތައް ދަނީ އިތުރުވަމުންނެވެ.
އަދި އދ. ގައި ނަތަންޔާހޫއަށް ތަގުރީރުކުރުމުގެ ފުރުސަތު ދިނުމާ ދެކޮޅަށްވެސް ގިނަ ފަރާތްތަކުން ވަނީ އަޑުއުފުލާފައެވެ.



