ތ. ގުރައިދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގުރައިދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.
މަޝްރޫއުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މި ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރުއެވެ.

ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ގުރައިދޫގައި އަޅާ އެއާޕޯޓަކީ ގުރައިދޫއަށާއި އެސަރަހައްދަށް ކުރިއެރުން ހޯދުމުގެ ވަރަށް މުހިންމު ދޮރާއްޓެއް ކަމަށެވެ.
އެހެންކަމުން ގުރައިދޫގެ އެއާޕޯޓުގެ މަސައްކަތަށް ބޭނުންވާ ބިން ހިއްކައި މިހާރު ނިމިފައިވާތީ 22 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިމިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.



