ތިމަރަފުށީގައި އިމާރާތްކުރަމުންދާ 100 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ ރަމަޞާން މަހުގެ ކުރިން ނިންމައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަދި އިތުރު 100 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ހައުސިން ޔުނިޓްތަކުގެ މަސައްކަތް ލަސްވަމުންދާ ސަބަބު ބައްލަވައި، އެ މަސައްކަތް އަވަސްކުރުމަށް ފެނަކައާއެކު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. މި މަސައްކަތުގެ ތެރޭގައި ފެނާއި ނަރުދަމާ ގުޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ހައުސިން ޔުނިޓްތަކާ ގުޅޭގޮތުން އިތުރު ލުއިތަކެއް ދެއްވާނެ ކަމަށެވެ.
”ގެތަކުގެ ކުލި މިހާރު ވަނީ 3,333 ރުފިޔާއަށް ކުޑަކޮށްފައި. އަދި ޑައުން ޕޭމަންޓްވެސް މިރަށުގައި 20,000 ރުފިޔާއިން 10,000 ރުފިޔާއަށް ކުޑަކޮށްދޭނަން. އަދި ގްރޭސް ޕީރިއަޑްވެސް ފަށާނީ ގެތަކަށް ވަންނަ ހިސާބުން“ ރައީސް ވިދާޅުވިއެވެ.
ރަށުގެ ސިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސިއްޙީ މަރުކަޒު ލެވެލް 4 އަށް ބަދަލުކުރުމުގެ މަސައްކަތް 3 މަސްދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށެވެ.
މީގެއިތުރުން، ރަށުގެ ބަނދަރު އަލުން ތަރައްޤީކުރުމާއި، އައިޑީކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ނޮވެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ހިންގުން ވެމްކޯއާ ހަވާލުކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
.



