ބިޑަކަށް ހުޅުވައި ނުލައި އަދި އެއްބަސްވުމެއް ނެތި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގެ ހިއްސާ އޮންނަ ކުންފުންޏެއްގެ އަތުން ފެނަކަ ކޯޕަރޭޝަނަށް 112 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ފެނަކަ ހިންގާފައިވާ ގޮތް ބެލުމަށް ހެދި ޚާއްސަ އޮޑިޓަކަށް ފަހުއެވެ. އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި ރިޕޯޓް އާއްމުކުރީ އިއްޔެ ރޭ މެންދުމުގެ ވަގުތެއްގައެވެ.
އެ ރިޕޯޓްގައިވާ ގޮތުން ފެނަކަ އަށް އެ މުއްދަތުގައި 127 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައި ވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 112 މިލިއަން ރުފިޔާގެ ގެ އަޑީތެޔޮ ގަތީ ސިރިއަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެއީ އަނދުން ހުސެއިންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
އަޑީތެލަކީ ދައުލަތުގެ ދެ ކުންފުނި ކަމަށްވާ އެމްޓީސީސީ އާއި ސްޓެލްކޯ އިން ވެސް އެތެރެކުރާ އެއްޗެކެވެ. އަދި ފެނަކައަށް ވެސް އެ ދެ ކުންފުނި އަތުން ކޮންމެވެސް މިންވަރަކަށް އަޑީތެޔޮ ގަނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.
ރިޕޯޓްގައިވާ ގޮތުން ފެނަކައަށް އެމްޓީސީސީން ގަތީ އެންމެ 15 މިލިއަން ރުފިޔާގެ އަޑީތެލެވެ. އަދި ސްޓެލްކޯ އަތުން ގަތީ އެންމެ 45،852ރ. ގެ އަޑީތެލެވެ.
އޮޑިޓް ރިޕޯޓްގައި ބުނީ އެ މުއްދަތުގައި ފެނަކަ އަށް އަޑީތެޔޮ ގަތުމުގެ އެއްބަސްވުމެއް ހެދުމުގެ ބަދަލުގައި އަޑީތެޔޮ ގަނެފައިވަނީ އެ ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީގައި ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު ނުވާ މިންވަރަށް، އެ ދުވަހުން އެދުވަހަށް ޕާޗޭޒް އޯޑަރުތައް ފޮނުވައިގެން ކަމަށެވެ.



