ވީޓޯ ކުރުމުގެ ބާރު ނިމުމަކަށް ގެނެސް، އދ. ގެ ސަލާމަތީ މަޖިލީހުގެ މުޅި އޮނިގަނޑު އިސްލާކުރަންޖެހޭ ވަގުތު ޖެހިފައިވާ ކަމަށް ރާއްޖޭން އދ. ގައި އިއްޔެ ބުނެފިއެވެ.
އދ. ގެ އާންމު މަޖިލީހުގެ ބަހުސްގައި ރާއްޖޭގެ ފަރާތުން ދެއްވި ބަޔާނުގައި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވާހަކަދައްކަވަމުން ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނު ހަމަހަމަކަމާ އެކު ހުރިހާ މެމްބަރު ގައުމުތަކުގެ މައްޗަށް ތަންފީޒު ނުކުރެވޭތީ، ބައިނަލްއަގުވާމީ ނިޒާމަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށެވެ.
ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމު ހުއްޓުވަން ދުނިޔެ ނުކުޅެދިފައިވާކަން ފާހަގަކުރައްވައި، ހަލީލް ވިދާޅުވީ، އދ. ގެ އޮނިގަނޑު އިސްލާހުކުރުން ނޫން ގޮތެއް މިހާރު ނެތް ކަމަށް ވެސް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑު އިސްލާހު ކުރަން ގޮވާލައި މިނިސްޓަރު ވިދާޅުވީ، ވީހާ ވެސް ގިނަ ގައުމުތަކެއް ތަމްސީލުވާ ގޮތް ހެދުމުގެ އިތުރުން، ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ވެސް ގޮނޑިއެއް ހާއްސަ ކުރަންޖެހޭ ކަމަށެވެ.
”އަދި އެންމެ މުހިންމު ކަމަކީ، ވީޓޯ ކުރުމުގެ ބާރަށް ނުސިހޭ ސަލާމަތީ މަޖިލީހެއް އެކުލަވައިލުން،“ ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.




