ފެނަކައިގެ ޚިޔާނާތުގެ މައްސަލައަކީ، ހަމައެކަނި ފެނަކައިގެ ވެރިންގެ ބޮލުގައި ޒިންމާ އަޅުވާލުމަށްފަހު ސަލާމަތްވެވޭ ވަރަށްވުރެ ބޮޑު ޚިޔާނާތުގެ މައްސަލައެއް ކަމަށާއި އެކަމުގައި މުޅި އެމްޑީޕީ ޝާމިލުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ފެނަކައަކީ އެމްޑީޕީއިން ނިމިދިޔަ ދައުރުގައި ވައްކަންކުރުމަށާއި ޚިޔާނާތަށް މަގުފަހިކުރުމަށް ބޭނުންކުރި ކުންފުންޏެއް ކަމަށެވެ.
އެގޮތުން 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިގެންދިޔަ ޚިޔާނާތުގެ މިމައްސަލައިގައި ހަމައެކަނި ފެނަކައިގެ އޭރުގެ ވެރިންގެ ބޮލުގައި ތުހުމަތު އަޅުވާފައި ސަލާމަތްވެވޭވަރަށްވުރެ މިމައްސަލަ ބޮޑުކަމަށް ޝުޖާއު ވިދާޅުވިއެވެ.
އެގޮތުން އޭރު އިދިކޮޅުގައި ތިބެއްވި ޕީޕީއެމް ޕީއެންސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި މިވާހަކަތައް ދެއްކިކަމަށާއި އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް މިކަން ގެނެވިފައިވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި އޭރު އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އޮތް އެމްޑީޕީގެ ސުޕަރ މެޖޯރިޓީއޮތް ކޮމިޝަނުން މިމައްސަލަ އޭރު މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅި ކަމަށާއި އެއާއެކު ގެއްލިގެންދިޔައީ އެ މެމްބަރުންގެ މަޤާމުކަން ވެސް ޝުޖާއު ފާހަގަ ކުރެއްވިއެވެ.
”މީގެ ނަތީޖާއަކީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަޤާމުން ދުރުކުރި އެނގޭތޯ، އެމްޑީޕީގެ ސުޕަރމެޖޯރިޓީ ޕާލެމަންޓަކުން މިވާހަކަދެއްކީތީ. އެހެންވީމަ އަޅުގަނޑު ޤަބޫލެއް ނުކުރަން، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އިލެކްޝަންސްގެ ރައީސް، އެކަމަނާއަށް ފެނިވަޑައިގަތް ކަންކަން ފާހަގަކުރައްވާ ރައީސުލް ޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރަށް ފެނަކައިގެ ތެރޭގައި ގަވާއިދާ ޚިލާފަށް ކަންތައްތަކެއް އެބަ ހިނގައޭ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، އެކަން ސަމާލުކަމަށް ގެނައިމަ ޝިއުނާ އަދި މުޅި ޓީމު އެއްކޮށް ބޭރުކުރި“ ޝުޖާއު ވިދާޅުވިއެވެ.




