ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެނިހެން މުވައްޒަފުންގެ މުސާރަ ނޮވެމްބަރު މަހުން ފެށިގެން ބޮޑުކުރަން އެމަނިކުފާނު ނިންމަވައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސް މުޢިއްޒު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެ ކަމަށެވެ.
”މިއަހަރުގެ ރިޔާސީ ބަޔާނުގައި މި ފަރާތްތަކުގެ މުސާރަ މިއަހަރު ބޮޑުވެގެންދާނެ ކަމަށްވާނީ ދަންނަވާފައި.“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ކުރިންވެސް ދަންނަވާފައިވާ ފަދައިން، މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ ކަމަށެވެ.



