ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަން އާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމަކާ ގުޅިގެން ހިނގި ކޮރަޕްޝަންގެ މައްސަލައެކެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރި ގޮތުގައި، މި މައްސަލައިގައި ބްލޭޒަން އިންކް އިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ނުކޮށް، އެ ކުންފުންޏަށް ފައިސާ ދޫކޮށް، ނާޖާއިޒު މަންފާ ހޯދައިދީފައިވެއެވެ. މި އަމަލުގެ ސަބަބުން ފެނަކައަށް 848,000 ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ސައީދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އެވެ. މި ކުށަށް އަސާސީ އަދަބެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ އެއް އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލައިގައި ސައީދުގެ އިތުރުން، އޭރުގެ ފެނަކައިގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށްވެސް ދައުވާ އުފުލާފައިވެއެވެ.
މީގެ އިތުރުން، ސައީދުގެ މައްޗަށް އިތުރު ހިޔާނާތުގެ މައްސަލައެއްގައިވެސް ދައުވާ އުފުލާފައިވެއެވެ. އެއީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
ސައީދުގެ މައްޗަށް ކުށް ސާބިތުވުމުން އަދަބު ކަނޑައެޅުމުގެ ޝަރީއަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރިއިރު ސައީދު ހިންގާފައިވާ ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަންގެ މި މައްސަލަތައް ހާމަވީ ދާދިފަހުން ނެރެފައިވާ އޮޑިޓް ރިޕޯޓަކުންނެވެ.



