ވިޒިޓް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ފަތުރުވެރިކަމުގެ މަހާސިންތާއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
މި މަހާސިންތާ އޮންނާނީ ބުދަދުވަހުކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.
”ދަ ފިއުޗާ ޝޭޕާސް ވޯކްޝޮޕް“ގެ ނަމުގައި، ބުދަދުވަހު ކުރިޔަށް ގެންދާ މި މަހާސިންތާއަކީ، އަންނައަހަރު ފަތުރުވެރިކަން އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުމަށް ކުރާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމަށް، ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި، މަސައްކަތްތެރީންނާއި، މީޑިއާގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މަހާސިންތާއެކެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ އެއްބާރުލުމާއެކު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބާއްވާ، ފަތުރުވެރިކަމުގެ މަހާސިންތާ 2025ގައި ހަރުދަނާ ހިޔާލުތައް ބަދަލުކުރެވި، ގުޅުން ވަރުގަދަކުރުމަށްޓަކާ ތަފާތު ސެގްމެންޓުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި، ބިނާކުރަނިވި ޕްރެޒެންޓޭޝަންތައް ހުށަހަޅައިދިނުމާއި، ޕެނަލް ޑިސްކަޝަންތަކާއި، ސާވޭތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، އިންޑިއާ، ޗައިނާ، ރަޝިޔާ، ޖަރުމަން، ޔޫކޭ، އިޓަލީ، މެދުއިރުމަތި، އެމެރިކާ އަދި ފްރާންސް ފަދަ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރެވޭނެއެވެ. އަދި އީޖާދީ ގޮތްތަކާއި މާކެޓް ފުޅާކުރުމުގެ ފުރުޞަތުތައް ހޯދުމަށް ވޯކިންގ ގްރޫޕް ސެޝަންތައް ވެސް ބޭއްވޭނެއެވެ.
މަހާސިންތާ ނިންމާލެވޭނީ ކުރިއަށް އޮތްތަނުގައި ކުރަންޖެހޭ ކަންތައްތަކުގެ ރިޕޯޓެއް އެކުލަވާލުމަށްފަހުގައެވެ.
މި މަހާސިންތާގެ އަލީގައި، 2025 ވަނަ އަހަރަށް މާކެޓިންގ ބްލޫޕްރިންޓެއް އެކުލަވާލުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.



