މިފަހުން ފެންމަތިވެފައި މިވާ، ފެނަކަ ކޯޕަރޭޝަންގެ ޚިޔާނާތަކީ އެމްޑީޕީ ސަރުކާރުގައި ހިންގި ކޮރަޕްޝަންގެ ކުޑަ މިންވަރެއް ކަމަށާއި، ކޮރަޕްޓު އަމަލުކުތަކުގެ ތެރެއިން މުޅި ނިޒާމު އެއްކޮށް މަސްހުނި ކޮށްލިކަަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ރޭގައި ވިދާޅުވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ފެނަކައިގެ ބޮޑު ޚިޔާނާތުގެ ރިޕޯޓާ ގުޅޭގޮތުން، ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ ތެރޭގައި އޭރު ހިންގަމުން ދިޔަ ވައްކަންތަކަކީ ވެރިންނަށްވެސް އެނގިތިބެ ކުރި ކަންކަން ކަމަށާއި، އިންތިޚާބުތަކުގެ ދުވަސްވަރު ވެރިކަން ހޯދަން އުޅޭއިރު، ކޮރަޕްޝަނާ ދެކޮޅުކަމަށް ވާހަކަތައް ދެއްކިނަމަވެސް ވެރިކަން ލިބުމުން ކޮރަޕްޝަންގެ މައްސަލަތައް ނުބަލާކަމަށެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރު ތެރެއިން ފެނަކައިގެ ކޮރަޕްޝަން މައްސަލަ ފެންމަތިވިނަމަވެސް އެކަން ނުބެލީކަމަށާއި އެފަދަ ޢަމަލުތަކަށް އޭރު ވެރިކަމުގައި ތިބިގެން ހިތްވަރުދިންކަން ހާމަވާކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
”އޭރު ރައީސް އިބްރާހީމް މުހައްމަދު ސާލިހު ނަން ފޮނުވައިގެން ފާސްކުރެއްވި އޭސީސީގެ ރައީސް އޮތީ، ރައީސް ސާލިހުގެ ސަމާލުކަމަށް ކަޅާއި ހުދުން ފެނަކައިގައި ވައްކަން ހިންގާކަން. އެކަން ދޫކޮށް ނުލައްވާށޭ. ރައީސް ސާލިހަށް މިއަދު ޑިނައި ނުކުރެވޭނެ. ހަމަ އެގޮތަށް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސިޓީފުޅަކުން އެނގެވީމަ އެބޭފުޅާ ރައީސް އޮފީހަށް ބަދަލުކުރެއްވީ. އެއިން އެނގިގެންދަނީ މިކަންކަން ހިނގާފައިވަނީ ރައީސް ސާލިހުއަށްވެސް އެނގިގެންކަން“ އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.



