އިދިކޮޅު އެމްޑީޕީގެ އިސް އެއް އެކްޓިވިސްޓު ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އާއި އިތުރު މީހަކަށް ޗޭނުގަނޑަކުން ހަމަލާދިން މުހައްމަދު ޖަޒީލް އެހެން މައްސަލަތަކެއްގައި ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މަންދީ އާއި އެމްޑީޕީގެ އޮފީހުގައި މަސައްކަތްކުރާ އިތުރު ދެ މުވައްޒަފަކަށް ޗޭނުގަނޑަކުން ހަމަލާދީ، މަންދީގެ ބޯ ފަޅާލީ 2021 ވަނަ އަހަރުގައެވެ. އެ މައްސަލައާ ގުޅިގެން ޖަޒީލަށް އެއް އަހަރާއި ތިން މަހުގެ ޖަލު ހުކުމެއް ވެސް އައެވެ.
އޭނާއަށް މިފަހަރު ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިމިވަނީ، އާއިލާގެ މެމްބަރެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރު ދެއްކުމުގެ މައްސަލައަކާއި އެވަގުތު އަނިޔާއެއް ދީފާނެ ކަމުގެ ބިރު ދެއްކުމުގެ މައްސަލައެއްގެ އިތުރުން އަނިޔާއެއް ދިނުމުގެ ތިން ދައުވާއެއް ސާބިތުވުމުންނެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަކިވަކިން ކުރި ހުކުމްތަކުގައި ބުނީ ޖަޒީލުގެ މައްޗަށް އެ ކުށްތައް ސާބިތުވެފައިވާ ކަމަށެވެ. އަދި ދައުލަތާއެކު ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ވަނީ ޖުމްލަ ތިން އަހަރާއި އެއް މަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.




