ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.
މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ބާއްވަން ތާވަލުކުރި ނަމަވެސް އަދި އެޖެންޑާ އާންމުކޮށްފައެއް ނުވެއެވެ.
ކުރިއަށް އޮތް މި ދައުރުގައި ސަރުކާރުން ވަނީ ގިނަ މުހިންމު ބިލުތަކެއް މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. މީގެ ތެރޭގައި އެސެޓް ރިކަވަރީ ބިލު ހިމެނެއެވެ. މި ބިލަކީ އެކި ސަރުކާރުތަކުގެ ދުވަސްވަރު ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މަގުފަހިކޮށްދޭނެ ބިލެކެވެ.
މީގެ އިތުރުން، އަތޮޅު ކައުންސިލްތައް އުވާލުމަށްޓަކައި ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއްވެސް ހުށަހެޅުމަށް ވަނީ ރޭވިފައެވެ.
އަދި ހަމައެއާއެކު، ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމާ ގުޅޭ ބިލެއްވެސް މި ދައުރުގައި މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.


