ސަރުކާރުން މަސްވެރިންގެ އަޑުއައްސަވައި، މަސްވެރިން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
މިއީ ރައީސް ކެއުޅުންނާ ބައްދަލުކުރެއްވި ތިންވަނަ ފަހަރެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި، ކެއުޅުން ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ރަނގަޅުކުރަން ބޭނުންވާ ކަންކަން ރައީސާ ހިއްސާކޮށްފައެވެ. އެގޮތުން މަސްވެރިން އެންމެ ބޮޑަށް އެދިފައިވަނީ މަހުގެ ކިލޯއެއްގެ އަގު 20 ރުފިޔާއަށް ބޮޑުކުރާނެ ތާރީޚެއް ކަނޑައެޅުމަށެވެ.
ބައްދަލުވުމުގައި މަސްވެރިން ފާހަގަކުރި ކަންބޮޑުވުންތަކުގެ ތެރޭގައި، ރާއްޖޭގެ އެންވެރިކަން ދަށްވުމާއި، ބޭންކް އޮފް މޯލްޑިވްސްއިން ލޯނު ނެގުމުގައި ދިމާވާ ދަތިތަކާއި، މަސްވެރިކަމުގެ ލައިސަންސް ހޯދުމުގެ ދަތިތައް ހިމެނެއެވެ. އަދި މިފްކޯގެ މަސްކިރާ ކައްޓާތައް ޑިޖިޓަލް ކައްޓާއަށް ބަދަލުކުރުމަށްވެސް އެދިފައިވެއެވެ.
ރައީސް ވިދާޅުވި ގޮތުގައި މަހުގެ އަގު ބޮޑުކުރެވޭނީ މަސްކިރާތާ 48 ގަޑިއިރުތެރޭ ފައިސާ ދިނުމުގެ ކަންކަން މެދުނުކެނޑި ކުރިއަށްދާނެކަން ޔަޤީންވުމުންނެވެ. އަދި ބޭންކުން ދޫކުރާ ލޯނަށް އެދޭ އިޖުރާއަތުތައް ފަސޭހަކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، އެސްޓީއޯއިން ތެޔޮ ވިއްކާ އަގުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތެޔޮ ވިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހަށް ނިންމުމަށް ރޭވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މިފްކޯއިން ތެޔޮ ވިއްކަން ފެށުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލުވެސް ކެއުޅުންނާ ހިއްސާކުރެއްވިއެވެ.



