ސިޔާސީ މަގާމުތަކުގައި ތިބިއިރު އެމްޑީޕީން ކޮރަޕްޝަން ހުއްޓުވުމަށް ކުރީ ކޮންކަމެއްތޯ ސުވާލުކުރަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް 15 އަހަރު ލިބި، ކޮރަޕްޝަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކޮށް، ރައްޔިތުން މަގުމައްޗަށް ނެރިގެން ކުރަން މިއުޅެނީ ކޮންކަމެއްތޯ ވިސްނާލަން ޖެހޭ ކަމަށެވެ.
އަދި މަގާމުތަކުގައި އެ ބޭފުޅުން ތިއްބެވި އިރު ކޮރަޕްޝަން ހުއްޓުވުމަށް ކުރެއްވީ ކޮންކަމެއްތޯވެސް ރައްޔިތުން މިއަދު ސުވާލު އުފައްދަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ކޮރަޕްޝަން ހުއްޓުވުމަށް އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭ އިރު ކޮރަޕްޝަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒު ކުރުން.“މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް ވޭތުވެދިޔަ 15 އަހަރުވެސް ކޮރަޕްޝަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށާއި، މިހާރުގެ ސަރުކާރުން މިކަމަށް އިސްކަންދީގެން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މިވާހަކަ މިއަދު ހިއްސާ ކުރެއްވިއިރު، މިދިޔަ ސަރުކާރުގައި ފެނަކަ ތެރޭގައި ހިނގި ވައްކަންތައް ވަނީ ފަޅާ އަރައިފައެވެ. އަދި ފެނަކަގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމުގައި ހުންނެވި، އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމްވެސް ކޮށްފައިވެއެވެ.
ރާއްޖޭގައި ކޮރަޕްޝަން ނައްތާލުމަށް މި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، މޯލްޑިވްސް 2.0ފާހަގަކޮށްލެވެއެވެ. މިއީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.




