ސަލްމާން މިސްކިތުގައި ޒަމާނީ ރީތި ފެންވަރަކަށް ތަރައްގީކޮށް ހުޅުވި އިސްލާމިކް ލައިބްރަރީ ހުޅުވާފަ ހުންނަ ވަގުތުތައް އިތުރުކޮށްފިއެވެ.
އަހަރުތަކެއްގެ މެދުކެނޑުމަށްފަހު ދިވެހިރާއްޖޭގެ އިސްލާމިކް ލައިބްރަރީ ހުޅުވީ މިއަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުގައެވެ. ލައިބްރަރީ ހުޅުވައިދެއްވީ ތާރީޚާއި ތަރިކައާބެހޭ މިނިސްޓަރު އާދަމް ނަސީރެވެ. އަދި އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިގިލާގައި ތަރައްގީ ކޮށްފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވާފައިވަނީ 15،000 އަށްވުރެ ގިނަ ފޮތާއެކުގައެވެ.
ކުރިން އެ ލައިބްރަރީ ހުޅުވާފައި ހުންނަނީ ހަމައެކަނި ހެނދުނު 9:00 އިން މެންދުރުފަހު 2:00 އާ ހަމައަށެވެ.
ނަމަވެސް މިއަދުން ފެށިގެން އިސްލާމިކް ލައިބްރަރީ ހުޅުވާފައިވަނީ ހެނދުނު 8:30 އިން ރޭގަނޑު 9:30 އަށް ހުޅުވާފައި ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މިއީ އިސްލާމީ ޢިލްމު ޚާސިލްކުރުމަށް ބޭނުންވާ އަދި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ލައިބްރަރީއަކަށް ވެގެންދާނެއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރީ ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
އެގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ޤައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.




