މާލެ މަގުތަކުން ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުން ހުއްޓާލަން ޓްރާންސްޕޯޓް މިިިނިސްޓްރީން އެންގުމާ އެކު، މިހާރު ވިއްކާފައިވާ ޕާކިން ސްލޮޓުތައް އުވާލައި އެ ތަންތަން މިއަދު އާންމުންނަށް ހުޅުވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މާލޭގެ މަގުތަކަށް ދިމާވެފައިވާ ހާސްކަން ފިލުވުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން، މިއަދުން ފެށިގެން ވަކި ކަމަކަށް ބޭނުންކުރާކަން އަންގައިދިނުމުގެ ގޮތުން ބޯޑަކުން ފާހަގަކޮށްފައިވާ ތަންތަން ފިޔަވައި ޕާކުކުރެވޭނެކަން އަންގައިދޭ ނިޝާންތަކުން ފާހަގަކޮށްފައިވާ ކޮންމެ ތަނެއްގައި ކޮންމެ މީހަކަށް ވެސް ޕާކް ކުރެވޭނެ ކަމަށެވެ.
އެގޮތަށް ނިންމީ ޕާކިން ސްލޮޓު ދޫކުރުން ހުއްޓާލަން ޓްރާންސްޕޯޓް މިނިސްޓްރީން އެ ކައުންސިލަށް އަންގާފައިވާތީ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.
އެގޮތުން، ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައިވަނީ މާލޭގެ މަގުތަކުން ހަތަރު ފޮރޮޅުލީ ވެހިކަލް ޕާކިންއަށް ދޫކޮށްފައިވާ ސަރަހައްދުތައް ކުއްޔަށް ދިނުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާ ކަމަށެވެ.
އެހެންކަމުން ޕާކިން ސްލޮޓު ދޫކުރުން ހުއްޓާލަން ނިންމީ މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާތީ ކަމުގައިވެސް މިނިސްޓްރީން ބުންޏެވެ.




