ދައުލަތުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ވަރަށް އަވަހަށް އަންނާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާ ”އިންޓާނަލް އޮޑިޓް ކޮންފަރެންސް 2025“ ފަަށަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ނައިބު ރައީސް ހުސައިން ލަތީފު ވިދާޅުވީ، އިދާރީ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ އިދާރާތަކަށް އާއްމުން ކުރާ އިތުބާރު ދެމެހެއްޓުމުގައި އިންޓާނަލް އޮޑިޓަރުންގެ ދައުރު ބޮޑު ކަމަށެވެ. އަދި އިންޓާނަލް އޮޑިޓަރުންނަށް މަސައްކަތުގައި ތަފާތު ގޮންޖެހުންތައް ހުރިކަން ގަބޫލުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”އަދި މިއަދުގެ ސަރުކާރުން އެކަންކަމަށް ހާއްސަ އިސްކަމެެއް ދީގެން، އެކަންކަން ހައްލުކުރުމަށް މި ދަނީ މަސަައްކަތް ކުރަމުން. އެގޮތުން މިހާރު ވަނީ އިންޓާނަލް އޮޑިޓަރުންނަށް ހާއްސަ އޮނިގަނޑެއް އެކުލަވާލެވިފައި. އަދި ކައިރި މުސްތަގުބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުފާވެރި ޚަބަރު އަޅުގަނޑު ހިއްސާކޮށްލަން،،“ ނައިބު ރައީސް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދައުލަތުގެ އިންޓާނަަލް އޮޑިޓް ކޮމިޓީގެ ޗެއާޕާސަން އާމިނަތު ރީމާ ރަޝީދު ވިދާޅުވީ އިންޓާނަލް އޮޑިޓް ކޮމިޓީއަށް ކުރިމަތިވާ ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެފަދަ އެއް ކަމަކީ ފަންނީ ގާބިލުކަން ހުރި މުވައްޒަފުން ހޯދުމުގައި އޮތް ދަތިކަން ކަމަށެވެ.



