ހާލުގައި ޖެހިފައިތިބި ޣައްޒާގެ ރައްޔިތުންނަށް އެހީ ހިފައިގެން ދަތުރުކުރާ ސުމުދް ފްލޮޓީލާގައި ދަތުރުކުރާ ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.
ފްލޮޓީލާގެ އުޅަނދުތައް ހުއްޓުވައި އިޒްރޭލު ސިފައިން ވަނީ ބައެއް މީހުން ރޭގައި ހައްޔަރުވެސް ކޮށްފައެވެ. ނަމަވެސް އަދިވެސް 30 އުޅަނދު ޣައްޒާއާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށް ފްލޮޓީލާއިން ވަނީ ބުނެފައެވެ.
ފްލޮޓީލާގައި ދަތުރުކުރާ ދިވެހީންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
އެ މައްސަލަ ބަހުސްކުރަން ބަލައިގަތުމާ މެދު ވޯޓަކަށް އެހުމުން، ވޯޓުގައި ބައިވެރިވި 57 މެންބަރުން ވެސް ވަނީ ކުއްލި މައްސަލަ ބަލައިގަނެ، ބަހުސްކުރަން ފެންނަ ކަމަށް ވޯޓުދެއްވާފައެވެ. އެއީ، އިދިކޮޅާއި ސަރުކާރު ހިންގާ މައި ޕާޓީ (ޕީއެންސީ)ގެ މެންބަރުން ވެސް ހިމެނޭ ގޮތަށެވެ.
މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، އިޒްރޭލާއި އިޒްރޭލަށް ވާގިވެރިވާ ގައުމުތަކުން ސުމުދު ފްލޮޓިލާތަކަށް ހުރަސްއަޅަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެހެންވެ، އެ އަމަލުތައް ކުށްވެރިކުރުމަށާއި އެ އުޅަނދުތަކުގައި ތިބި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރަން އޭނާ ހުށަހެޅުއްވި މައްސަލައިގައި ވަނީ ގޮވާލައްވާފައެވެ.




