އެއްވެސް ހަތިޔާރަކާވެސް ނުލައި، ޣައްޒާގެ ރައްޔިތުންނަށް އެހީ ހިފައިގެން ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދް ފްލޮޓީލާއަށް ޔަހޫދީ އިޒްރޭލު ސިފައިން ހަމަލާދިނުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.
އިޒްރޭލުގެ މި އަމަލުތައް ރައީސް މުޢިއްޒު ކުށްވެރި ކުރެއްވީ ”އެކްސް“ ގައި މިއަދު ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ.
އެގޮތުން އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ސުމޫދް ފްލޮޓީލާގައި ދަތުރުކުރަމުންދިޔައީ އިންސާނީ އެހީގެ ސަމާނު ޣައްޒާއަށް ހިފައިގެން ކަމަށެވެ. އެ ބޯޓުތަކުގައި ތިބީ ހަތިޔާރު ނެތް، އާންމުން ކަމަށާއި އެ ބޯޓުތައް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން ހިފަހައްޓާ ބިރުދެއްކުން ބަލައިނުގަނަވޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ހާލުގައި ޖެހި އަސާސީ ހައްޤުތަކުން މަޙްރޫމް ވެފައި ތިބި ބަޔަކަށް، އިންސާނީ އެހީ ހިފައިގެންދާ ގާފިލާއަކާއި ދިމާކޮއްލުމަކީ އިންސާނިއްޔަތާއި އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާއިވެސް ޚިލާފުކަމެއް ކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ތަކުރާރުކޮށް ކުރަމުންދާ މިފަދަ އަމަލުތަކުން ޔަހޫދީ ދައުލަތުން ދަނީ ދުނިޔޭގެ އެހެން ޤައުމުތަކާއި އެއްފަރާތް ވަމުން ކަމަށާއި މިއީ އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ނުހިތުން ކަމަށެވެ. އަދި މިއީ އަޅާލުމާއި ކުލުނު ނެތް ކަން ހާމަކޮށްދޭ ކަމެއް ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ ޔަހޫދީ ދައުލަތުން ތަކުރާރުކުރަމުންދާ މިޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވާލައްވާފައެވެ.




