ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާފައިވާ ކަމަށް ބެލެވޭ ކޮރަޕްޝަންގެ 161 މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ މައްސަލަތަކާ ގުޅިގެން 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފިއެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވަނީ ފެނަކައިގެ 2021-2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓެއް އާންމުކޮށްފައެވެ. އަދި އެ ރިޕޯޓުން ހާމަވީ ޚިޔާނާތުގެ މައްސަލަތަކެއް އެ ރިޕޯޓުން ވަނީ ފެންމަތިވެފައެވެ.
އެކަމާ ގުޅިގެން އެ މައްސަލަތައް އަވަހަށް ބެލުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންގަވާފައެވެ.
އެ ރިޕޯޓާ ގުޅިގެން އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އޭސީސީގެ ތަހުގީގު ކުރުމުގެ އިހްތިސާސަށް ފެތޭ މައްސަލަތަކަކީ ކޮބައިކަން ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ނަމަވެސް އެ އޮޑިޓުގައި ފާހަގަކޮށްފައިވާ ގިނަ މައްސަލަތަކަކީ، މިހާރު ވެސް އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކެއް ކަމުގައި އޭސީސީން ބުނެފައިވެއެވެ.
”މިގޮތުން ފެނަކަ ކޯޕަރޭޝަންގެ 161 މައްސަލަ މި ކޮމިޝަނުން މި އަންނަނީ ތަހުގީގު ކުރަމުން“ އެ ބަޔާނުގައި ބުނެފައިވެއެވެ.
އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތެރޭގައި 13 މައްސަލައެއްގައި ޕީޖީ އޮފީހާ އެކު ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ވަނީ ފަށާފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.
އަދި 2022 އިން ފެށިގެން ފެނަކައަށް ނިސްބަތްވާ 9 މައްސަލައެއްގައި އެކި މީހުންނަށް ދައުވާކޮށްދޭން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދައުވާކޮށް، މިހާރު ހުކުމް ވެސް ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މިހާތަނަށް ފެނަކައާ ގުޅޭގޮތުން އެކި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، 21،458،280.86 (އެކާވީސް މިލިއަން ހަތަރު ސަތޭކަ ފަންސާސް އަށް ހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ އަށްޑިހަ ހަ ލާރި) އަނބުރާ ހޯދުމަށް ފެނަކައަށް އަންގާފައިވާނެ ކަމަށް އޭސީސީން ވަނީ ހާމަކޮށްފައެވެ.



