ފަލަސްތީނުގެ ޣައްޒާއަށް އެހީވާން ދަތުރުކުރި ސުމުދް ފްލޮޓީލާގެ ބޯޓުތަކަށް ޔަހޫދީ އިޒްރޭލު ސިފައިން ދުއްތުރާކުރުމުގެ ސަބަބުން، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ޖެނެރަލް ސެކްރެޓަރީ އިބްރާހީމް ޝާޒު (ބޮޑޭ) ހުރި އޮބްޒާވަރު ބޯޓު އެންމެ ފަހުން ސައިޕްރަސް އާ ދިމާލަށް މިއަދު މިސްރާބު ޖަހައިފިއެވެ.
ޝާޒް ހުރި ބޯޓުން އިއްޔެ ވެސް ވަނީ ޣައްޒާ ހިމެނޭ ނުރައްކާތެރި ޒޯނާ ކައިރިވުމާއެކު ސައިޕްރަސްއަށް މިސްރާބު ޖަހަން ނިންމައިފައެވެ. އެއީ ބޮޑަށް އެ ބޯޓްތަކަށް އެހީތެރިވެވޭނީ އެއްގަމުގައި ތިބެގެން ކަމަށް ވާތީ ކަމުގައި ބުނެފައިވެއެވެ.
ދަތުރުގެ އަޕްޑޭޓެއް އިއްޔެ ދެމުން ޝާޒް ބުނީ، ސައިޕްރަސްއަށް ނުދާގޮތަށާއި ފްލޮޓީލާގެ ފަހަތުން، ދެވޭ އެންމެ ދުރަކަށް ނުރައްކާތެރި ޒޯނުން ދާން އިއްޔެގެ ބައްދަލުވުމުގައި ފަހުން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް ޣައްޒާއާ ކައިރިވުމުން، ރޭ ދަންވަރުގެ ވަގުތެއްގައި އިޒްރޭލު ސިފައިން ވަނީ ފްލޯޓީލާގެ ބޯޓުތަކަށް އަރައި ބައެއް މީހުން ހައްޔަރު ކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ”ސައުވީސް“ އަށް އެންމެ ފަހުގެ އަޕްޑޭޓް ދެއްވަމުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އަޒްހަދު އަހުމަދު ވިދާޅުވީ ޝާޒް ހުރި ބޯޓު މިހާރު ދަތުރުކުރަމުން ދަނީ ސައިޕްރަސްއާ ދިމާލަށް ކަމުގައި އަޒްހަދު ވިދާޅުވިއެވެ.
މި ފުރުސަތުގައި އަޒްހަދު ވަނީ، ޝާޒް ހުރި ބޯޓަކީ ސީދާ ޣައްޒާއަށް ދަތުރުކުރާ ބޯޓެއް ނޫންކަން ސާފުކޮށްދެއްވާފައެވެ. އަދި އެއީ ފްލޮޓީލާގެ ބޯޓުތަކަށް އެކިކަހަލަ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދަތުރުކުރާ އޮބްޒާވަރު ބޯޓެއް ކަމުގައި އަޒްހަދު ވިދާޅުވިއެވެ.
”އެ ބޯޓުގައި ތިބޭނީ ސްޓިއަރިންގް ކޮމިޓީގެ މީހުންނާއި މި މޫވްމަންޓްގެ ހެޑް މީހުން. އެމީހުންގެ ޒިންމާއަކީ ފްލޯޓީލާ ދަތުރުކުރަމުން ދާއިރު ބޯޓުތަކާ ކައިރިކޮށް ކާއެއްޗެއްސާއި އެއްޗެހި ބޭނުންވޭތޯ، އެކަހަލަ ކަންކަން ބެލެހެއްޓުން. އެ ބޯޓުގެ ޕްލޭނަކަށް އިންނާނީ އިންޓަސެޕްޓް ކުރާ ހިސާބުން ރައްކާތެރި ޒޯނަކަށް ދިޔުން“ އަޒްހަދު ވިދާޅުވިއެވެ.
ގްލޯބަލް ސުމުދް ފްލޮޓީލާގައި 40 އަށްވުރެ ގިނަ ބޯޓެއްގައި 44 ގައުމަކުން 500 އަށްވުރެ ގިނަ އެކްޓިވިސްޓުން ބައިވެރިވެފައިވެއެވެ.



