އެދުމަކީ ރާއްޖޭގެ ޗާލުކަމާއެކު، ފަތުރުވެރިކަން ފުޅާވެ ތަރައްގީވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ސާޖިދާ ވަނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތް ފެށުނުތާ 53 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޚިދުމަތް މިއަދާ ހަމަޔަށް ދަމަހައްޓައި ކުރިއެރުވުމުގައި ބައިވެރިވި އެންމެހާ ޚިދުމަތްތެރީންނަށް ޝުކުރާއި މަރްޙަބާ ދަންނަވާފައެވެ.
ސާޖިދާ ވިދާޅުވީ، އެކަމަނާގެ އެދުމަކީ، ދިވެހިވަންތަ ރީތި ސިފަތަކާއި، ވެށީގެ ޗާލުކަމާއެކު، ރާއްޖޭގެ ފަތުރުވެރިކަން ދުވަހުން ދުވަހަށް ފުޅާވެ، އިތުރު ތަރައްޤީއާއި ތިޔާގިކަން ޤައުމަށް ލިބެމުން ދިއުން ކަމަށެވެ.
1972 ވަނަ އަހަރު ފެށުނު ރާއްޖޭގެ ފަތުރުވެރިކަމަށް މިހާރު ވަނީ ބައި ގަރުނަށްވުރެ ގިނަ ދުވަސްވެފައެވެ. މި މުއްދަތުގައި ރާއްޖެއިން ވަނީ މި ސިނާއަތުގައި ގިނަގުނަ ކުރިއެރުންތަކެއް ހޯދާފައެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12.7 އިންސައްތައިގެ ކުރިއެރުމެކެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 5,998 ފަތުރުވެރިން ޒިޔާރަތްކުރާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، މި އަމާޒަށް ވާސިލުވުމަށް ބޭނުންވަނީ އިތުރު 580,503 ފަތުރުވެރިންނެވެ.



