އިދިކޮޅު އެމްޑީޕީގެ ފަރާތުން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ”ލޫޓުވައިފި“ މުޒާހަރާއިން ހައްޔަރުކުރި 8 މީހުންގެ ތެރެއިން އެކަކު ފިޔަވާ ދެންތިބި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ރޭގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ވަނީ މާލެއިން ބޭރަށް ދިޔުން މަނާކޮށް ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައެވެ. ދެން ތިބި 7 މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.
ރޭގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި މާފުށި ކައުންސިލުގެ ރައީސް ހަސަން ސޮލާހާއި މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފް ގެ އިތުރުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ހިމެނެއެވެ.
ހައްޔަރު ކުރި މީހުން ދޫކޮށްލުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް ވަނީ ގޮވާލާފައެވެ. އަދި އިދިކޮޅު ހަރަކާތްތަށް ނުހުއްޓުވޭނެ ކަމަށް ވެސް ފައްޔާޒު ގޮވާލާފައިވެއެވެ.



